ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ސެންޓަރުތަކާ، ޤުރުއާން ސެންޓަރުތަކާ، ޒަމާނީ މިސްކިތްތައް ބިނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 3 ރަށެއްގައި އިސްލާމިކް ސެންޓަރު އެޅުމަށާ، އަދި މިސްކިތަކާއި ޤުރުއާން ސެންޓަރެއް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ކ. ގުޅި މިސްކިތް އިމާރާތްކުރުމާ، ގއ. ވިލިނގިލި ޤުރުއާން ސެންޓަރެއް އިމާރާތްކުރުމާ، ހއ. އިހަވަންދޫ އިސްލާމިކް ސެންޓަރު، ޅ. ނައިފަރު އިސްލާމިކް ސެންޓަރުގެ އިތުރުން ގއ. ވިލިނގިލި އިސްލާމިކް ސެންޓަރުގެ މަސައްކަތު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފަވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މިސްކިތުގައި ފިރިހެނުންނާ އަންހެނުން ނަމާދުކުރާ ބައިގެ އިތުރުން، ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކްލާސް ރޫމަކާ ލައިބްރަރީއެއްގެ އިތުރުން ޙިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޅ. ނައިފަރު އިސްލާމިކް މަރުކަމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު މިއީ 1000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ބައެއްވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ހއ. އިހަވަންދޫގައި 700 މީހުންގެ ޖާގައިގެ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނޭ މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމް، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރާނެއެވެ.

މީގެ އިތުރުން ގއ. ވިލިނގިލީގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު އިސްލާމީ މަރުކަޒެއް ތަރައްގީކުރުމަށް ހަވާލުކޮށްފަވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގައިވެސް ކްލާސްރޫމް، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.