މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފް އިން ބުނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިސޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި އުޅަނދުން 4 މީހުން ދަތުރުކުރި ކަމަށާއި އެތަނުން ދެމީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާކަމަށެވެ. އަދި އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މި ބޯޓު ކ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 7:27 އެހާކަންހާއިރު ކަމަށެވެ. އަދި ބޯޓުން ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރި ވަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ދާދި ފަހުންވެސް ވަނީ އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާ ދެ މީހަކު ނިޔާވެފައެވެ.