ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 17" ފަށައިފިއެވެ.
މިއީ ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓާ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަގްސަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ހަރަކާތެކެވެ. އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ.
ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓާ އޮފް ޑިފެންސް އޮނަރަބަލް މުހައްމަދު ޣައްސާން މައުމޫނު ދެއްކެވި ވާހަކަފުޅުގައި، ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "ދޯސްތީ 17" ގައި ކަނޑުމަތީގެ ހާދިސާތަކުގައި ހާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަހައްދުގެ ސަވައިލެންސް އަދި މުވާސަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" (MARPOL) ތަމުރީނުތައް ހިމެނެއެވެ. މި ހަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ހާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
މި އަހަރުގެ "ދޯސްތީ" ހަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ "ޖޮއިންޓް ޓްރެއިނިންގް" ތަކާއި "މެރިޓައިމް އިންފޮމޭޝަން" ޝެއާކުރުމުގެ ތަމުރީނުތަކެވެ. މީގެ ސަބަބުން މި ހަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސްގެ އިތުރުން، އިންޑިއާއާއި ސްރީލަންކާގެ ކޯސްޓުގާޑުގެ އިސް އޮފިޝަލުންނާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
