ރަސްފަންނުގެ މޫދުން ތޫނު އިތާތަކެއް ފެނިއްޖެއެވެ.

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ވެލިގަނޑު ތެރޭގައި ވަރަށް ތޫނު އިތާތަކެއް ހުރި ކަމަށް މިއަދު ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

އެގޮތުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ އެބަހުރި ކަމަށާއި، އެތަނަށް މޫދަށް އެރޭ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ފޭން ކްލޭމް" އެވެ.

މި ބާވަތުގެ އިތާ އާންމުކޮށް ހުންނަނީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި، ބޭރަށް ފެންނަން ހުންނަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://web.facebook.com/ali.musthafa1/posts/pfbid02FEnMdDcnBoksy3SxzuPechfZeWrpZQxnfuj9u3Yhg7i1A3grBLoTvDn538f12Jepl?rdid=Lw7f9RL5mMasBSoC#

"މި އިތާތަކަކީ ވަރަށް ތޫނު އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ދިއުމުގެ ބިރު ވަރަށް ބޮޑު. ހާއްސަކޮށް ހިކިފައި އޮންނަ ވަގުތުތަކުގައި ގިނަ ބަޔަކު އެ ސަރަހައްދުން ހިނގާފައި އުޅޭއިރު، ހުސް ފަޔާ އުޅޭ ނަމަ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ" އިތާތަކުގެ ފޮޓޯއާއެކު މުސްތަފާ ވިދާޅުވިއެވެ.

އިތާތައް ހުރި ސަރަހައްދު ފާހަގަކޮށްފައިވާ މެޕެއް ހިއްސާ ކުރައްވަމުން މުސްތަފާ ވިދާޅުވީ، މި އިތާގެ މަހަކީ ކެއުމަށް ބޭނުންކުރެވޭ އެއްޗެއްކަމަށާއި މޫދަށް އެރޭ މީހުން މި އިތާތައް ނަގަމުންދާ ނަމަ އެ ސަރަހައްދުން އިތާ މަދުވެ، މޫދަށް އެރޭ މީހުންނަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށެވެ.

ރަސްފަންނު މޫދުގައި އިތާތައް ހުރި ސަރަހައްދު ފޮޓޯ: އަލީ މުސްތަފާ، ފޭސްބުކް

ރަސްފަންނަކީ ކޮންމެ ދުވަހަކުވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން އެކި އާއިލާތައް މަޖާކޮށްލުމަށް މޫދަށް ގޮސް އުޅޭ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދަށް މޫދަށް ދާ އެންމެންވެސް މި ކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.