އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނަށް އަޅަން ނިންމާ ފިޔަވަޅުތަކުގެ ތެރޭގައި އީރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ, ދުރުރާސްތާ ބެލެސްޓިކް މިސައިލުން އީރާނަށް ހަމަލާ ދިނުމަކީވެސް އޮތް ގޮތެއް ކަމަށާއި, މުދަލުގެ ޑިއުޓީގެ އިތުރުން ސައިބާ އެޓޭކެއް ދިނުމާއި, ނަފްސާނީ ގޮތުން ކުޅުން ހިމެނޭ ކަމަށެވެ.
އީރާނުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 600 މީހަކު މަރުވެފައި ވާކަމަށް ރިޕޯޓުތަކުން ބުނާއިރު, އީރާނުން ބުނެފައި ވަނީ, އެމެރިކާއިން 'ހަނގުރާމަ' ބޭނުން ނަމަ އެކަމަށް ތައްޔާރު ކަމަށެވެ. ހަމަ އެއާއެކު ވޮޝިންޓަނާއެކު ވާހަކަ ދައްކަން ތައްޔާރު ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.
ގައުމީ ސަލާމަތާބެހޭ އެމެރިކާގެ އޮފިޝަލުން މިއަދުގެ ވަގުތެއްގައި ވައިޓްހައުސްގައި ބައްދަލު ކުރަން ހަމަޖެހިފައި ވާ އިރު, މި ބައްދަލުވުމުގައި އީރާނާމެދު ކަންކުރާނެ ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވައިޓްހައުސްގެ ތަރުޖަމާން ކެރޮލީން ލީވިޓް ވިދާޅުވެފައި ވަނީ, އީރާނުގެ އޮފިޝަލުން ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއަށް މައުލޫމާތު ދެއްވާފައި ވާ ކަމަށާއި އީރާނުގެ އޮފިޝަލުން ދެއްވާ މައުލޫމާތާއި އާންމުންގެ ޝުއޫރާ ވަރަށް ތަފާތު ކަމަށެވެ.
އެހެންވިޔަސް ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވެއްޖެ ވަގުތެއްގައި އަސްކަރީ ފިޔަވަޅު އަޅަން ޓްރަމްޕް ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވިއެވެ.
އެމެރިކާގެ ސީބީއެސް ނިއުސް އިން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ, އެމެރިކާއިން ވިސްނަމުން ދަނީ ވައިގެ މަގުން ދޭ ހަމަލާތަކުގެ އިތުރުން އީރާނުގެ ކޮމާންޑް ސެންޓަރުތައް ހަލާކުކޮށްލައި މުވާސަލާތީ ގުޅުންތައް އެއްކޮށް ކަނޑާލުމަށް ކަމަށެވެ.
އެމެރިކާއަށް ފާޑުވިދާޅުވަމުން އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވިދާޅުވީ, އެމެރިކާއިން އަހަނީ އަދި ބަލަނީ ޣައްދާރުންގެ އަމަލުތައް ކަމަށާއި އީރާނު ސަރުކާރަށް ތާއީދު ކުރާ އެތައްހާސް ބަޔަކު އިއްޔެ މަގުތަކަށް ނުކުމެފައި ވާ ކަމީވެސް ހަގީގަތެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ "އީރާނަކީ ވަރުގަދަ ދައުލަތެއް ކަމަށާއި ދުޝްމަނުންނަކީ ކޮބައިކަމާއި އެމީހުން ތިބި ކޮންމެ ތަނެއްގައި އީރާނުން އެބަތިބި" ކަމަށެވެ.
