އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ކަންކަމުގައި ދަތިކަން ކުރިމަތިވާކަމަށް ވިދާޅުވެ އެ ގައުމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ސުވާލުކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

މަސްއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ލަންކާގެ ޑެއިލީ ނިއުސްއަސް ދެއްވި އިންޓަވިއުގައި ލަންކާއަށް ދާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން އިހާނެތިކޮށް ހިތުން ހުއްޓައިނުލައިފިނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ރައްޔިތުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައި. ވާތީ އެކަމާ ގުޅޭގޮތުންނެވެ.

އެގޮތުން ޑިޕްލޮމެސީ އާއި ބައިލެޓެރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވަށްޓެރި އެހެން ގައުމުތަކާ ޖެހިގަތުން އެންމެ ރަނގަޅުތޯ މިނިސްޓަރާ ސުވާލުކުރެއްވުމަށް މީކާއިލް ހުށަހަޅުއްވާފައި ވެއެވެ. މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.

ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތި ވެއެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް ސަފީރު ތުހުމަތުކުރެއްވިއެވެ.