ސެލޫންތަކުގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދަން އަނެއްކާވެސް ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ހުޅުމާލޭގެ ތަންތަން ބަލާ ޗެކުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 5 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ސެލޫންތަކުގެ އިތުރުން މަސާޖު ޕާލާތަކުގައި ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްދާއިރު ދާދި ފަހުންވެސް ވަނީ އެފަދަ ހަތަރު ތަނެއް ބަލާ 4 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.