އުމްރާގެ މަތިވެރި އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން ހާލު ދެރަވެ އެޑްމިޓްކުރި ބަލި މީހާ ރާއްޖެ ގެެނެސްފިއެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް، ސިއްހީ ހާލު ގޯސްވެގެން އުމްރާވެރިއަކު އެޑްމިޓްކޮށްފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ، އެ މީހާ މޯލްޑިވިއަންއިން ރާއްޖެއަށް ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށާއި އެ މީހާ ރާއްޖެ ގެނެސް ފަރުވާދެމުންދާ ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މީހާ ގެނައީ ވެންޓިލޭޓަރުގައެވެ.

ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާއިރު ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000 ރުފިޔާ ނަގައެވެ. އޭގެތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އުމްރާވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަަށައިފައެވެ.

އުމްރާ ދަތުރުގެ އަގު ހެޔޮވެފައިވާއިރު ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.