އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސްރީލަންކާ އާއި މެލޭޝިއާ ފިޔަވައި ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އަދަދަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ޝަރުތުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން 2،000 މީހުން ރަޖިސްޓަރީ ވެއްޖެ ނަަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ކޮންމެ ދާއިރާއަކުން ވޯޓުލެވޭ 40 މީހުން އެ ވޯޓު ފޮށީގައި ރަޖިސްޓަރީ ކުރުމަކީވެސް ޝަރުތެކެވެ.

މިފަހަރު އިންތިހާބުގައި އެ މިންގަނޑަށް ފެތެނީ މެލޭޝިއާ އާއި ސްރީލަންކާ ކަން ފާހަގަކޮށް އީސީގެ ނައިބު ރައީސް އަހުމަދު ސޮލާހު ރަޝީދު ރާއްޖެ އިން ބޭރުގައި ވޯޓު ފޮށްޓެއް ބަހައްޓާއިރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ އެ ކަމަކަށް ވެސް ރިއާޔަތްކުރާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހައްޓާނެއެވެ.

މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރެވޭނެއެވެ.