ލަންކާއާއި ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ތަފާތުކުރާތީ އާއި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވަނީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމުގައި މަސްއޫދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅާނެ ކަމެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ހަމައެއާއެކު ވިސާ އަދި ވޯކް ޕާމިޓް އުވާލުމަކީ ވިޔަފާރި އާއި ފަތުރުވެރިކަން އަދި އަމިއްލަ ގުޅުންތައް އިތުރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުން ބަދަހި ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
