ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފިކަމަށާއި، ރޯދަމަހުގެ ކުރިން 300 އަށް އަރާނެކަމަށެވެ.

ޝަހީމް ވިދާޅުވީ މި ދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވަން ފަށާފައިވާކަމަށާއި، މި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށެވެ. އިތުރަށް ޝަހީމް ވިދާޅުވީ މިދިޔަ ރޯދަ މަހު 24 ހާފިޒުން ދަސްވެނިވިކަމަށާއި، މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށެވެ.

މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ގުރުއާން ހިތު ދަސްކުރަމުން ގެންދާކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއްކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައި 16، ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ހާފިޒުންނަށް ދޭ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން އިއުލާނުކުރައްވާފައެވެ.

ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގެ އިތުރުން ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ތިބި ގުރުއާން ހިތުދަސް ހާފިޒުންގެ އަގުވަޒަންކޮށް އިސްލާމް ދީނަށް ދިވެހީންގެ ހިތުގައި ލޯބި އުފެއްދުމަށެވެ.