މިއަހަރު އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޗުއްޓީގައި 7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްގައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށާއި މި މަހުގެ 10 ވަނަ ދުވަހު ބަލިމީހާ މާލެ ގެނެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޝަހީމް ވަނީ މިކަމުގައި މޯލްޑިވިއަން އަދި އައިޖީއެމްއެޗުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާއިރު ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000 ރުފިޔާ ނަގައެވެ. އުމްރާ ދަތުރުގެ އަގު ހެޔޮވެފައިވާއިރު ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
