މި އަހަރުވެސް "ނޫރުލް އަޒާން" (ބަންގި މުބާރާތް) ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީއިން ކުރިއަށްގެންދާ "ނޫރުލް އަޒާން 1447" މި އަހަރު ކުރިއަށްގެންދާނީ ކޮންމެ އަތޮޅަކުން ބައިވެރިއަކާއެކު ކަމަށެވެ.

15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ބައިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މީހުން ދިރިއުޅޭ 19 އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލަށް ވެސް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އޮޑިޝަނުން ހޮވޭ 19 ބައިވެރިންނާއެކު މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 2 ބުރެއް ހިމެނޭ ގޮތަށެވެ.

އެއީ:

ރައުންޑް 1: ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއަކު ބޭނުން އަޒާނެއް ދިނުން

ރައުންޑް 2: ހަވާލުކުރެވޭ މަގާމާތުތަކުން އިހްތިޔާރުކުރާ މަގާމާތަކަށް އަޒާން ދިނުން

އިސްލާމިކް މިނިސްޓްރީއިން ބުނީ ފުރަތަމަ ބުރު (ރައުންޑް 1) ކުރިއަށްދާނީ އޮޑިޝަނުން ހޮވޭ 19 ބައިވެރިންނާއެކު ކަމަށެވެ. އަދި 2 ވަނަ ބުރަށް (ރައުންޑް 2)އަށް ދާނީ ރައުންޑް 1 އިން ހޮވޭ ގަދަ 7 ބައިވެރިންނާއެކު ކަމަށެވެ.