އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 'އަމިން އެވެނިއު'ގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެއެވެ.

އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށާއި ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ.

އެކަމަކު އެ ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށްވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިންއަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގާޒީ ފާހަގަ ކުރެއްވި ކަންކަމަކީ:

  • ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގެން ނެތުން
  • އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމަށް ދައްކައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް އެ ވާހަކަ ގަބޫލު ނުކުރެވޭނެ ކަމަށް

އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން ނިންމި އިރު، ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވެ އެވެ. އެއީ އެފްއޭއެމަށް ލިބުނު ފައިސާ އެ ތަނަށް ނުވައްދައި، އެހާ ވަރުގެ ފައިސާ އިން ބައްސާމް ޕެންޓްހައުސް ގަނެފައިވާ ކަން ސާބިތުވާތީ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ. ދެން ދައުވާކުރި މީހުންނާ މެދު ޝަރީއަތުން އަދި ގޮތެއް ނިންމާފައި ނުވެއެވެ.

2018ގައި ފީފާއިން އެފްއޭއެމަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.