ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވުމާއި ގުޅިގެން އޭނާގެ މައްޗަށް އެންމެ ބޮޑު ހުކުމް އިއްވައިދޭން ދައުލަތުން އެދިއްޖެއެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމާއި ގުޅިގެން މިއަދު ވަނީ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވާފައެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވަދިނުމަށް އެދިފައެވެ.
ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެ ބައްސާމަށް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް އިއްވާފައިވާއިރު، ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމަށް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވި ވެގެންނެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް، ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ މައްޗަށް މި ދައުވާތައް ސާބިތުވާކަމަށް ނިންމެވީ އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް 15.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ލިބުނު ކަމަށް ވައުޗާތަކެއް ހުރި ނަމަވެސް އެއީ ސައްހަ ވައުޗާތަކެއް ކަން ޔަގީން ނުވުމުގެ އިތުރުން ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށް ބުނެއެވެ.
ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެން ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، އެ ކުށުގެ އަދަބަކީ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. މީގެ ކުރިން ބައްސާމަށް އިއްވާފައި އޮތީވެސް 5 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދައުލަތުން މިއަދު އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބުގެ ގޮތުން 15 އަހަރުގެ ޖަލު ހުކުމް އިއްވުމަށެވެ.
އެއާއެކު ދައުލަތުން ވަނީ ބައްސާމް ހިޔާނާތްވި 1.2 މިލިއަން ޑޮލަރުގެ ފަސް ގުނަ އިތުރުވާ އަދަދެއް ނަގައިދިނުމަށް ވެސް އެދިފައެވެ. މިއަދުގެ އަޑުއެހުމުގައި ބައްސާމްގެ ފަރާތުން ވަނީ އަދަބު ބޮޑު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ޖަލު ހުކުމްގެ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދޭން އެދިފައެވެ.
