ސައިރިކްސް ކޮލެޖު ކައިރީ ހުރި ހަދަމުންދާ އިމާރާތެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުއަށް ލިބުމާއެކު، މާލޭ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭ 23:56 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާކަމަށެވެ.
ހަދަމުންދާ އިމާރާތްތަކުގެ އިތުރުން އަޅާފައިވާ އެކި ތަކެތީގައި އަލިފާނުގެ ހާދިސާތައް މީގެކުރިންވެސް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތަކުގައި މުދާތަކަށް ގެއްލުންވެ ބައެއް ފަހަރު މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ. އެގޮތުން ދާދިފަހުންވެސް ވަނީ ކ. މާފުށީގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
މި ހާދިސާގައި ލޯންޗު ވަރަށް ބޮޑަށް އަނދާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
