މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

މިއަދު ކޮމިޝަނާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާ، ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަނުކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އައްޔަނުކޮށްފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަންކޮށްފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފްއެވެ. ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކޮށްފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލްކަރީމްއެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިންތިހާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިހާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށް އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ފުލުހުން ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް އިލެކްޝަން ކޮމިޝަނުންވެސް ތައްޔާރުވަމުން އަންނައިރު، މި އިންތިހާބާއި ގުޅިގެން ބާއްވަން ޖެހޭ އެކި ތަމްރީން ޕްރޮގްރާމްތައް މިހާރުވަނީ ފަށާފައެވެ. އަދި އިންތިހާބުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، އިންތިހާބުގެ ކަންތައް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކަމާއި ގުޅުން ހުރި މުވައްސަސާތަކާއެކު އަންނަނީ މަސައްކަތްކުރަމުންވެ.