ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގުރާމު ފަށައިފިއެވެ.
މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ތައްޔާރުވުމުގެ ބާއްވާ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓާ ފޯ ހަޔަާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދަނީ މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ޓްރެއިނިން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެއިތުރުން މިޓްރެއިނިން ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވާކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ބުނީ މި ޓްރެއިނިން ޕްރޮގްރާމްގެ މަގުސަދަކީ އިންތިހާބު ކުރިއަށްދާއިރު މާލެ އާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާ، ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުން ކަމަށެވެ. އަދި އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުންކަން ފާހަގަކޮށް އީސިން ބުނީ މި ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެކަމަށެވެ.
