ނަފްސާނީ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދަކާއި އަމިއްލަ ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން ލިބޭ ހުރިހާ ތެރަޕީގެ ހިދުމަތްތައް އާސަންދައިން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިއްމު ވައުދުތަކެއް ފުއްދެވުމަށް އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާގެ މުހިއްމު ފަސް ޕްރޮގްރާމެއް އިފްތިތާހު ކޮށްފައެވެ.

އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ. އެގޮތުން މިއަދުން ފެށިގެން މި ޕްރޮގްރާމްތައް ތަންފީޒުކުރަން ނިންމާފައިވާ އިރު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު މިއަދުން ފެށިގެން ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ވަކި އެލަވަންސެއް ދިނުމަށް ހަމަޖައްސާފައިވާ އިރު، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ޕްރޮގްރާމެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާއަށް ހިނގާ ހަރަދުގެ 65 ޕަސެންޓް ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

އަދި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރަން ނިންމާފައިވާ އިރު، ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.