މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް 3 ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށާއި، އެ ގެތަކަށް ސިފައިން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. މި ހާދިސާތަކުގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 10:00 އިން 16:00 އަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.