ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލެއްގައި ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކަށް ވަކި ހާލަތްތަކުގައި އަލުން ފްލެޓަށް އެދެވޭގޮތަށް ހަމަޖައްސައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން 1 ކޮޓަރީގެ ފްލެޓެއް ލިބިފައިވާ އަދި އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން 2 ކޮޓަރީގެ ފްލެޓެއް ލިބިފައިވާ އަދި 18 އަހަރުން ދަށުގެ ދެ ޖިންސުގެ ކުދިން ތިބި ނަމަ އެތަނެއްވެސް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަދަ ބަލަދެއް ގެނެސްފައިވަނީ ފްލެޓް ލިބިފައި ތިބި މީހުންނަށް އިތުރު ހައުސިން ސްކީމަކަށް ކުރިމަތިނުލެވޭތީ ނުވަތަ ޝަރުތު ހަމަނުވާތީ ރައްޔިތުންގެ ފަރާތުން އުފެދިފައިވާ ޝަކުވާތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަަދު މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

ފާހަގަކުރެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަތަކައް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުން ވަރަށް އަވަހަށް 15،000 ގޯތި ދިނުމަށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވެސް ތިން ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ.

މި ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް ކަމަށް ވެއެވެ. އަދި މާލޭގެ ދަފްތަރުގައި ތިބި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ އެކި ފަރާތްތަކަށް ގޯތި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.