ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ހޫދު އަކީ 2015 ވަނަ އަހަރުން ފެށިގެން ޖެނުއަރީ 6، 2022 ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، އޭނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އާ ގުޅުންހުރި މައުލޫމާތާއި ހަބަރު ފެތުރުމަށް މަސައްކަތް ކޯށްފައިވާ މީހެއް ކަމަށެވެ.
ހަމައެއާއެކު އޭނާ ވަނީ އެކި ގައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ މީހުންނާ މުއާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރު ކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް ގަނެގެން އޭނާގެ ފޯނަށް އަޅައިގެން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްގެ (އައިއެސްއައިއެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެގޮތުގެ މަތިން އޭނާގެ މައްޗަށް ވަކި ވަކި އަމަލުތަކަށް ރިއާޔަތްކޮށް ޖުމްލަ ފަސް ދައުވާއެއް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މިއަދު އޭނާގެ މައްޗަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައި ކަމަސް ވެސް ޕީޖީ އިން ބުނެއެވެ.
ހޫދުގެ މައްޗަށް ސާބިތުވި ދަޢުވާތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާއަށް އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. ހަމައެއާއެކު ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއަށް 5 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ދައުވާ އަށް 3 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އެއާއެކު އޭނާ ވަނީ ޖުމްލަ 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
