މުސްލިމުންގެ އާބާދީއެއް އޮންނަ ސޯމާލިއާގެ ތެރޭގައި ވަކިވެގަތުމަށް މަސައްކަތް ކުރާ 'ސޯމާލިލޭންޑް' އަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަން ހަމައެކަނި ދައުލަތަކީ އިޒްރޭލެވެ.
އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރުގެ އޮފީހުން އާންމު ކުރި އިއުލާނެއްގައި، ސޯމާލިލޭންޑަކީ ދައުލަތެއް ކަމަށް ބަލައިގަތުމުން އދ ގެ މެންބަރު ގައުމުތަކުންނާއި އެފްރިކާ ޔޫނިއަނާއި ސޯމާލިއާގެ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް އިޒްރޭލުގެ ނިންމުން ބަދަލު ކުރުމަށް ގޮވާލައިފައެވެ.
ސޯމާލިއާގެ ސަރުކާރުން ބުނެފައި ވަނީ އިޒްރޭލުގެ އެ ނިންމުމަކީ ސޯމާލިއާގެ އިސްތިގުލާލަށް ސީދާ އަރައިގަތުމެއް ކަމަށާއި އެކަން އެއްގޮތަކަށް ވެސް ބަލައިނުގަންނާނެ ކަމަށެވެ.
މި މައުޟޫގައި ނިއުޔޯކް ޕޯސްޓުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކޮމެންޓަކަށް އެހުމުން އޭނާ ވިދާޅުވީ، "އެއްވެސް ބަޔަކަށް އެއީ [ސޯމާލިލޭންޑް] އަކީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، އެމެރިކާއިން އެކަން ބަލައިނުގްނަނާނެ" ކަމަށެވެ.
އިޒްރޭލުގެ ނިންމުން ކުށްވެރިކުރި ފަރާތްތަކުގެ ތެރޭގައި އަރަބް ލީގާއި، ގަލްފް ކޯޕަރޭޝަނާއި، އެފްރިކަން ޔޫނިއަނާއި އޯއައިސީގެ ހިމެނެއެވެ.
ސޯމާލިލޭންޑަކީ 1991ގައި ސޯމާލިއާއިން ވަކިވެ އަމިއްލަ ވެރިކަމެއް ކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތެއް ދިރިއުޅޭ ތަނެކެވެ. އެތަނުގައި އަމިއްލަ ވެރިކަމެއް އުފައްދައި ވެރިއަކީ އެ ޖަމާއަތުގެ ވެރިއަކަށް ހުރި އަބްދިރަހްމާން މުހައްމަދު އަބްދުއްލާހި ކަމަށް ކަނޑައެޅިއެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން ދަނީ، ބައިނަލްއަގުވާމީ ފަރާތްތަކުން އެއީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމަށް ބާރުއަޅަމުންނެވެ.
އިޒްރޭލުގެ މި ނިންމުމާއެކު އަބްދުއްލާހި ބުނެފައި ވަނީ، މިއީ ތާރީހީ ވަގުތެއް ކަމަށާއި އިސްތިރާޖީ ގުޅުމެއްގެ ފެށުން ކަމަށެވެ.
ރަތް ކަނޑަށް ލައްވާ ގޮތަށް އޮންނަ އެފްރިކާ ބައްރުގެ ސޯމާލިއާގެ ސޯމާލިލޭންޑަކީ 'ހޯން އޮފް އެފްރިކާ' ގެ ގޮތުގައި މަޝްހޫރު ވެފައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ހޯން އޮފް އެފްރިކާ ކިޔަނީ ރައިނޯ ގެ ހޮނޑު ގޮތަށް އެ ސަރަހައްދުގެ އިންތައް [ޗާޓު] އޮންނާތީއެވެ.
އިރުމަތީ އެފްރިކާގެ އެ ސަރަހައްދަކީ މީގެކުރިން ޖިބޫތީ، އެރިޓްރިއާ، އިތިއޯޕިއާ އަދި ސޯމާލިއާ އަށް ނިސްބަތްވާ ގޮތަށް އޮންނަ މުއްސަނދި ހަޟޯރަތަކާއި ސަގާފަތެއް އޮތް ގުދުރަތީ މުއްސަނދިކަން އެކުލެވިގެންވާ ސަރަހައްދެކެވެ. ނަމަވެސް ދާއިހިލާ ހަނގުރާމައާ ހެދި އެ ސަރަހައްދު ސުންނާފަތިވެ ފަހުން ސޫދާނާއި ކެންޔާގެ ބައެއް ޖަމާއަތްތައްވެސް އެ ސަރަހައްދަށް ވަދެފައި ވެއެވެ.
