ވައްކަން ކުރިކަމަށް ތުހުމަތު ކުރުވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ދިވެހި 2 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމީހުންނަކީ ބ. ހިތާދޫ / އަންދަލީބުގެ، އަހްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަހަމަދު ހާތިމް (49އ) ކަމަށެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ވައްކަން ކުރުމުގެ ތުހުމަތު ކުރެވުނު މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެމީހާ ލައިގެ ްހުރި ޓީޝާތުގައި ހިފާ ދަމަމުން ބިންމަތީގައި ކޫއްތަމުން ގެންގޮސް މޫދަށް އެއްލާލާ މަންޒަރު ފެނެއެވެ.

މި ކަމާ ގުޅިގެން އެޗްއާރުސީއެމްއިން ވަނީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށް ގޮވާލާފައެެވެ. އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލުހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި، އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެއް ކަމަށް ވެެސް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ. އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަ މަސަލަސްކަން އިސް ކުރުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.