މައްކާގައި ހުންނަ "މަސްޖިދުލް ހަރާމް" އަށް އަޅުކަން ކުރުމަށް ގޮސް އުޅުނު މީހުންގެ ތެރެއިން އަމިއްލަ ފުރާނަ ދުއްވާލަން އެ މިސްކިތުގެ އެންމެ މަތީ ފަންގިފިލާ އިން ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ އިދާރާތަކަށް ހަވާލާދީ ދުބާއީގެ ނޫހެއް ކަމަށްވާ ހަލީޖް ޓައިމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި އިރު އެތަނުގައި ހުރި ސެކިއުރިޓީ އޮފިސަރަކު ވަނީ އެމީހާ ސަލާމަތްކޮށްފައި ކަމަށެވެ. އަދި އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހާއަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ. ހަމައެއާއެކު އެ ދެމީހުންނަށް ވެސް ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.
އަމިއްލަ ފުރާނައަށް ގެއްލުން ދިނުމަށް ފުންމާލި މީހާ ސަލާމަތް ކުރި ސެކިއުރިޓީ އޮފިސަރަކީ ރައްޔާން ބިން ސައީދު އަލް އަސީރި ކިޔާ މީހެކެވެ. އެމީހާގެ ފޮޓޯއެއް "ހަރަމައިން" އެކައުންޓުން އެކްސްގައި ޕޯސްޓް ކުރަމުން ބުނެފައި ވަނީ، "މާތް ﷲ އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއަށް އަވަސް ޝިފާއެއް ދެއްވާށި"، މިހެންނެވެ.
މި ހާދިސާއާ ގުޅިގެން އެ މިސްކިތުގެ އިސް އިމާމް ޝެއިޚް ޑރ. އަބްދުއްރަހްމާން އައްސުދާއިސް ވަނީ ހައްޖާއި އުމްރާއަށް ދާ މީހުން ގަވާއިދުތަކާއި އިރުޝާދުތަކަށް ބޯލަނބައި، މާތް އެ މިސްކިތުގެ މަތިވެރިކަމަށް އިހުތިރާމްކޮށް، އިސްލާމީ އަހްލާގަށް އިހްތިރާމް ކުރުމަށާއި އަޅުކަން ކުރުމާއި ކިޔަމަންތެރިވުމަށް ހިތްވަރު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މާތް الله އަންގަވާފައިވާ ފަދައިން، އަމިއްލަ ފުރާނަ ސަލާމަތްކޮށް، ފުރާނައަށް ނުރައްކަލެއް ކުރިމަތި ނުކުރުވުމަށް ވެސް އޭނާ އެދިވަޑައިގެންފައި ވެއެވެ.
އެކްސްގައި ކޮށްފައިވާ އެ ޕޯސްޓުގެ ދަށޫން ގިނަ ބަޔަކު އަންނަނީ އެމީހާ ދެއްކި ނަމޫނާ މިސާލެއްކަން ފާހަގަކޮށް ތައުރީފް ކުރަމުންނެވެ. އޭނާ އަކީ ހީރޯއެއް ކަމަށާއި އަމިއްލަ ފުރާނައާއި ޑިއުޓީއަސް ވުރެ ވެސް ބޮޑަށް އޭނާ އިސްކުރީ އެހެން އިންސާނެއްގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
އެ ސެކިއުރިޓީ އޮފިސަރު ހޮސްޕިޓަލުގައި އޮއްވައި ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް ވަނީ އޭނާއަށް ފޯނުން ގުޅުއްވައި ހާލަތު އޮޅުންފިލުވާފައެވެ. އަދި އޭނާގެ އަމަލުތަކަށް ތައުރީފު ކުރެއްވައި މިނިސްޓަރު ވިދާޅުވީ އެ އޮފިސަރު ކުރި ކަމަކީ ހަމައެކަނި ޕްރޮފެޝަނަލް ވާޖިބު އަދާކުރުމުގެ ބަދަލުގައި ގުރުބާނީ އާއި އިންސާނިއްޔަތުކަމުގެ ސިފަތައް ދައްކުވައިދޭ މަތިވެރި އަމަލެއް ކަމަށެވެ.
