ކ. މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 10:12 ހާއިރު އެމްއެންޑީއެފް އަށް ލިބުމާއި ގުޅިގެން މާފުށި ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށާއި މިގޮތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރުކަމަށެވެ.

މި ހާދިސާގައި ލޯންޗު ވަރަށް ބޮޑަށް އަނދާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް“ ނަމަކަށް ކިޔުނު ސަފާރީއެއްގައިވެސް އިއްޔެ ވަނީ އަލިފާން ރޯވެފައެވެ. އެގޮތުން ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފައި ވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެން ފަތުރުވެރިންނާއި 3 ދިވެހިންގެ އިތުރުން 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު މީހެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.