ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ރާއްޖެއިން ކުރިއަށް ދާން އިހުތިޔާރު ކުރާ މަގަކީ އިނގިރޭސިވިލާތުން ދައްކަމުން އަންނަ ނަމޫނާ، ވަކި އަތަކަަށް ބުރަނުވެ، ވަކި ފަޅިއެއް ނުނަގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ކޮންޒަަވޭޓިވް ފިކުރުގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ "ދި ޑެއިލީ ޓެލެގްރާފް" ނުވަތަ "ދި ޓެލެގްރާފް" ގައި އާންމުކުރި އެމަނިކުފާނުގެ ލިޔުއްވުމެއްގައެވެ. އެ ލިޔުއްވުން ފައްޓަވާފައި ވަނީ ވެރިރަށް މާލެ ސިފަފުޅު ކުރައްވަމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭއަކީ ޗައިނާއިން ރާއްޖެއަށް ދިން އެހީތެރިކަމުގައި ބިނާކޮށްފައިވާ އަގުހުރި ބިނާރެއް ކަމަށާއި މާލޭގެ އަނެއްކޮޅުގައި އިންޑިޔާގެ އެހީތެރިކަމާއެކު ޖެހިގެން އޮތް ތިން ރަށް ގުޅުވާލުމަށް ބުރިޖެއް ތަރައްގީ ކުރަމުންދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
21 ވަނަ ގަރުނުުގެ އެންމެ ވާދަވެރި ބޮޑު ދެ ބާރުން ރާއްޖޭގެ ވެރި ރަށުގައި ހިންގަމުންދާ މި ބޮޑު ދެ މަޝްރޫއަކީ ފަތުރުވެރިން ދެކެން ބޭނުންވާ ހިތްގައިމު ގޮނޑުދޮށްތަކަށް ނުދެވާނެ ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިއީ ދިވެހިންނަށްޓަކައި ދިވެހި ދައުލަތުން ތަރައްގީ ކުރަމުންދާ ހައިޓެކް ރާއްޖެއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވީ ނަމަވެސް މިއީ ޖިއޯޕޮލިޓިކްސްގެ ފައިދާ ރާއްޖެއަށް ހޯދި ދާނެ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންގިރޭސިވިލާތާ ރާއްޖެއާ ދެމެދު އޮތް ގުޅުމާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތުގައި އިނގިރޭސިވިލާތަކީ ވަކި ފަޅިއެއް ނުނެގުމުގެ އެންމެ ވަރުގަދަ ނަމޫނާ ކަމުގައި ބެލެވިދާނެ ކަމަށެވެ. އެމެރިކާއާއި ޔޫރަޕުގެ މެދުގައި ވަކި އަތަކަށް ބުރަނެވެ އޮތުމުގައި އިނގިރޭސިވިލާތުން ދައްކަމުންދާ ނަމޫނާއަށް ތައުރީފު ކުރައްވަމުން ރައީސް ވަނީ ރާއްޖެއިން ކުރިއަށްދާން އިހުތިޔާރުކުރާ މަގަކީ ވެސް އެއީ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިނގިރޭސިވިލާތާއި އިންޑިޔާ އާއި ޗައިނާ ފަދަ ބޮޑު ބާރުތަކާއެކު ރާއްޖެއިން މުއާމަލާތް ކުރި ނަމަވެސް ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ވަކި އަތަކަަށް ބުރަނުވެ، ވަކި ފަޅިއެއް ނުނަގައި ހަރަަކާތްތެރިވުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޗައިނާއަކީ އިތުބާރުކުރެވޭ ތަރައްގީގެ ބައިވެރިޔާ ކަމަސާއި އިންޑިޔާއަކީ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި އަދި އިނގިރޭސިވިލާތަކީ ތަބީއީ ބައިވެރިޔާ ގޮތުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުމުގައި އިނގިރޭސިވިލާތުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރންގެ އަދަދުއިތުރުވެ، ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުގެ އަގަށް ބަލާއިރު އަހަރެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ލިބިގެން ދިއުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
އިނގިރޭސިވިލާތާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް ވަރަށް ގިނަ ދިވެހިންނަށް ވަރަށް ޕާސަނަލް ޒާތީ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ފެށުނު ޔޫކޭ-މޯލްޑިވްސް ސްޓްރެޓެޖިކް ޑައިލޮގްގެ ތެރެއިން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އެކި ދާއިރާތަކުން ހާއްސަކޮށް ވިޔަފާރީގެ ދާއިރާއިން ވަރަށް ބޮޑަށް ފުޅާވަމުންދާ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ ބޭރުން އިނގިރޭސި ވިޔަފާރިތަކަށް ބަލައި ހޯދޭން ގިނަ ދާއިރާތަކެއް ރާއްޖޭގެ އިގުތިސާދުގައި ފެންނަން ހުންނާނެ ކަމަށާއި ކްރިއޭޓިވް އިކޮނޮމީގައި، ޑިޖިޓަލް ކޮންޓެންތާއި، ޑިޒައިނާއި މީޑިޔާއާއި ގޭމިން އަދި އެނޫން ވެސް އެކި އުފެއްދުންތެރި މަސައްކަތްތައް ކުރިއެރުވުމުގައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހިދުމަތް އެކްސްޕޯޓު ކުރާ ގައުމުގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް އަދާކުރެވޭނެ މުހިއްމު ދައުރެއް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ޔޫކޭގެ ޓެކް ކުންފުނިތަކާއި ސޮފްޓުވެއާ ފޯރުކޮށްދޭ ފަރާތްތަކާއި، އީގަވަނެންސްގެ މާހިރުންނާއި ސައިބާ ސެކިއުރިޓީ ވިޔަފާރިތަކަށް ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިވެފައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އިއާދަކުރަނަވި ހަކަތައާއި މަސްވެރިކަމުގެ ދާއިރާ އަދި އިނގިރޭސި ވުނޭރުންނަށް ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާކުރުމުގައި އިނގިރޭސި ވިޔަފާރިތަކުގެ ތަޖުރިބާ ބޭނުންކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
