އުމްރާގެ އަޅުކަން ކުރުމަށް މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެ އިން 7726 މީހުން މައްކާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މި އަހަރުގެ ޑިސެންބަރު މަހާއި އަންނަ ޖެނުއަރީ މަހު ރާއްޖެއިން ޖުމްލަ 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާ އިރު، އެމްއޭސީއެލް އިން ބުނެފައި ވަނީ، އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައި ވަނީ، މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު އެކަނިވެސް 1049 އުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޑިސެންބަރު މަހާއި ޖެނުއަރީ މަހު އުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕްގައި 262 އުމްރާވެރިން މައްކާއަށް ފުރީ، މި މަހުގެ 21 ވަނަ ދުވަހުއެވެ. އުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 އުމްރާވެރިން ފުރަން ވަނީ ހަމަޖެހިފައެވެ.

މި ދުވަސްވަރު ރާއްޖެއިން އުމާރާއަށް ދާ މީހުން އިތުރވެފައިވާ ސަބަބެއް ކަމަށް ބެލެވެނީ މި ދުވަސްވަރަކީ ބޮޑު ޗުއްޓީއާ ދިމާވާ ދުވަސްވަރު ކަމުންނެވެ. އާންމު ގޮތެއްގައި ސްކޫލް ބަންދު ދުވަސްވަރު ރާއްޖއިން އުމްރާއަށް ދާ މީހުން އިތުރުވެއެވެ.

ދެން އެންމެ ގިނައިން އުމްރާއަށް މީހުން ދާ ދުވަސްވަރަކީ ރޯދަމަހެވެ. ކުރިއަށް ރޯދަ މަހުގައި ގިނައީ ސްކޫލް ބަންދު ދުވަސްތައް ކަމުން އެ ދުވަސްވަރު ވެސް ގިނަ އަދަދެއްގެ މީހުން އުމްރާއަށް ދާނެ ކަމަށް ބެލެވެއެެވެ.