ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ފަސީހް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަަމަށެވެ.

ފަރުދީ ޒިންމާ ނުއުފުލުމުގެ ސަބަބުން ޕާސްޕޯޓުގެ ގިނަ މައްސަލަތަކެއް ދިމާވާކަން ފާހަގަކޮށް ފަސީހް ވަނީ ޕާސްޕޯޓު ދޫކުރަނީ ފަސް އަހަރަށް ކަމަށާއި ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން ނޮޓިފިކޭޝަން ލިބުމާއެކު ޕާސްޕޯޓު ހައްދަން އެދިފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާއިރު އިމިގްރޭޝަނުން އަންނަނީ ޕާސްޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްރަށުން ޕާސްޕޯޓު ހެދޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.