ތަމްރީނަށްފަހު ފުލުހުންގެ ހިދުމަތާ، ގުޅޭ އޮފިސަރުންވެސް އެންމެ އިސްކަމެއްދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިންމުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އެދެނީ ރާއްޖޭގެ ކޮންމެ ރަށަކީ ނުވަތަ ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ވެފައި އޮތުމުގެ ޔަގީންކަން ކަމަށެވެ.

ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަދި ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައްޓަންވެފައި އޮންނަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމުގައެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ މުއައްސަސާއެއް މިހާރު ގާއިމުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާތީ އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އަސާސީ ތަމްރީން ފުރިހަމަނުކޮށް ތިބި 1000އަށްވުރެ ގިނަ ފުލުހުން ތިބި ކަމަށެވެ. މީގެތެރެއިން މިހާތަނަށް 966 ފުލުހުން ތަމްރީން ފުރިހަމަކޮށްފަވާއިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަނޑު 4 ސިޔާސަތެއްގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

ޚާއްސަ މިޝަން ސެޓެއް ސިޔާސަތުގެތެރޭގައި އެބަ ހިމެނޭ. ރާއްޖެއިން ޑްރަގްގެ ވަބާ އެއްކޮށް ނައްތާލުމާ، ގޭންގް ހަދައިގެން ކުށްކުރަމުން އަންނަ ގްރޫޕްތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދި އެމީހުންގެ ކިބައިން މި މުޖުތަމައު ސަލާމަތްކުރުމާ، ގވައިދާ ހިލާފައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާ އަދި ހަމައެއާއެކު ކުށުގެ މާހައުލުގައި އުޅެމުންދާ ތުއްތު ކުދިން ކުށުގެ މާހައުލުން ނެރެ އެ ކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަކީ ހާއްސަ މިޝަނެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ރިޝްވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ މަގާމުގެ ކުރިއެރުންތަކާ، ތަފާފު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ ގައުމީ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.