ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެގޮތުން ތިން ކިލޯ 50 ގްރާމްގެ ކެނަބިސް ފަތް އަތުލައިގެންފައިވާ އިރު އޭގެ މަގުމަތީ އަގަކީ 2.4 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުލޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމް އިން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު މެއި މަހުގެ ތެރޭގައި ވަނީ މެތަމްފެޓަމައިން އަށް ޕޮޒިޓިވް ވެފައިވާ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ހަމައެއާއެކު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަނީ ކުރިއަރު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކޮކެއިނަަށް ޕޮޒިޓިވްވިއިރު އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1020 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަަށް ކަސްޓަމްސް އިން އޭރު މައުލޫމާތު ދީފައި ވެއެވެ.
މީގެ އިތުރުން މިދިޔަ މާޗް މަހުަވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނެބިސް ކަސްޓަމްސް އިން އަތުލައިގެނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގުގައި ގާތްގަނޑަކަށް 8.5 ލައްކަ ރުފިޔާ ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
