މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާކަމަށާއި އެ ފަރާތްތަކުން ފާޅުކުރާ އެއްވެސް ހިޔާލަކާއި ދޭ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު މެންދުރު މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާއަތުގައި އެކި ގޮތްގޮތުން ޝާމިލުވާ ގިނަ އަދަދެއްގެ މީހުން ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ، ދާއިރާގެ ކަންކަމާ ބެހޭގޮތުން ހިޔާލާއި މަޝްވަރާދީފައެވެ. އަދި ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރިއެވެ.
އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނާ ހިއްސާކުރި އެއްވެސް ހިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތާ ގުޅިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުންގެންދާ ކަންތައްތަކެއް ކަމަށާއި އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް ކަންތައްތަކެއް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫއުތަކާއި ސީދާ ދިވެހި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައެވެ. މަސްވެރިކަމުގެ ސިނާއަތް ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސް ފާހަގަކުރައްވެވިއެވެ.
