މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދުވާފަރުގައި ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ދުވާފަރު ބަނދަރު ބޮޑުކުރުމާއި، ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް އަދި ދަނާލެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ވަޑައިގެންފައިވާއިރު، މަސްވެރިންގެ ދުވަހާއި ގުޅިގެން "ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަންއިން އިންތިޒާމްކޮށްގެން މުޒާހަރާއެއްވެސް ވަނީ ކޮށްފައެވެ. މި މުޒާހަރާ ހޫނުވެ ފުލުހުންގެ ބެލުމުގެ ދަށަށް 3 ދޯނި ގެނެސްފައިވާއިރު އެ 3 ދޯނިވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން މުޒާހަރާ ކުރަމުންދިޔައީ މާލެ ބޭރުގައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް ބޯނުލަނބައި މުޒާހަރާ ކުރި ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދުތަކަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާފައެވެ.
