މާލޭގެ އިތުރު މަސާޖު ޕާލާތަކެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވައިދާ ހިލާފަށް ބިދޭސިން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ބަލާ ފާސްކުރިިއިރު ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މަސާޖު ޕާލާތަކުގައި ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްދާއިރު ނިމިދޔަ ހަފްތާ ތެރޭ ވެސް ވަނީ އެފަދަ ހަތަރު ތަނެއް ބަލާ 4 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ބަޔަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ކުރިއަށް ގެންދިއުން / ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.