ސ. ހިތަދޫގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެގޭގައި ދިރިއުޅެމުން ދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ސ. ހިތަދޫ އާޔާވިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނޫޅެވޭ ވަރަށް އެގެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޭގައި ދިރިއުޅެމުން ދިޔަ 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެންޑީއޭ އިން އެކްސްގައި ކުރި ޕޯސްޓްގައި ވަނީ އެގޭތެރޭގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. އެގޭގައި ރޯވި އަލިފާން ނިއްވާލުމަށްފަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެގޭގައި ހިފާ ގެންގުޅުމަށް ބޭނުންކުރާ ސާމާނުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު އެގެއަކީ ތުއްތު ކުއްޖެއްް ވެސް ދިރިއުޅޭ ގެއެކެވެ.

މިހާތަނަށް އައި އިރު މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.