ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށް ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑު ރޯދި ކަމަށް ރައިސް ވިދާޅުވިއެވެ. ދިވެހީންގެ މުރާލި ކަމާއި ހުނަރާއި ދިވެހި އާދަކާދަ އާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަން ރައީސް ފާހަގަކުރެއްވިއެވެ. ގައުމުގެ އިގްތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރަން ނިންމާފަިއވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވަނީ ޕްލޭންގައި ހުރި ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ހުޅުމާލޭގައި ބޮޑު ކަންނެލީގެ މަސް ޕްރޮސެސް ކުރެވޭ ގޮތަށް ފެކްޓްރީ އަޅަން ނިންމާފައިވާ އިރު 25000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކަލުބިލަމަސް ރައްކާކުރެވޭ ކެޕޭސިޓީ 9000 ޓަނު މިހާރު ހުރި އިރު ފަށާފައި ހުރި މަޝްރޫއުތައް ނިމުމުން އެ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ވާނެ ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ތެރޭގައި ހިމެނޭ އައިސް ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އައިސް އުފެއްދުމަށް 600 ޓަނު އިތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން ތިނަދޫގައި ކޯލްޑް ސްޓޯރޭޖް އާއި ފެލިވަރުގައި ހިންގަމުންދާ 4000 ޓަނުގެ ކޯލްޑްސްޓޯރޭޖް މަޝްރޫއު ގެ އިތުރުން، ގދ. ފިޔޯރީގައި 300 ޓަނު، ފ. ނިލަންދޫ 1500 ޓަނު، މ. މުލަކު 500 ޓަނު އަދި ކޫއްޑޫ 400 ޓަނުގެ މަޝްރޫއާއި އިހަވަންދޫ 200 ޓަނުގެ ޕްރޮސެސިން ޕަލާންޓަކާއި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަޝްރޫއު އާއި އެކު މަސްވެރިންގެ ކަނބިޑުވުންތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
