ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިއމިގްރޭޝަނުން ބުނީ، މިރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ބިދޭސީން ދިރިއުޅެމުންދިޔަ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށް 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ދިވެހީންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މުރުމުރާއި ކުދި ގުޅަ ތައްޔާރުކުރަމުންދިޔަ މަންޒަރެވެ. އެގޮތުން ކުދި ގުޅަތައް ތެލުލުމަށް ތައްޔާރުކޮށްފައިވާއިރު މުރުމުރު ހުރީ ޕެކެޓުގައި ބަންދުކުރަން ތައްޔާރަށެވެ.

މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަތުމުގެ ތެރެއިން

ރާއްޖޭގައި ގާނޫނާ ހިލާފަށް ވިޔަފާރި ހިންގާ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން އަންނަނީ ހުއްޓުވަމުންނެވެ. މީގެ ކުރިން ވެސް މިފަދައިން ސާފުތާހިރު ކަމެއްނެތި ތައްޔާރު ކުރަމުންދިޔަ އެތައް ވިޔަފާރިއެއް ހުއްޓުވާފައިވާއިރު އެފަދަ ވިޔަފާރިތައް ހިންގަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނި ޑީޕޯޓުކޮށްފައެވެ.

މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަތުމުގެ ތެރެއިން

އެގޮތަށް އުފައްދާ ވިއްކާ ތަކެތީގެ ތެރޭގައި ފޯކާއި ތެލުލިފަތާއި މަސް މިރުހާއި އެކިއެކި ލުއި ކާނާތަކުގެ އިތުރުން އެހެނިހެން ކާބޯތަކެތި ވެސް ހިމެނެއެވެ.