ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިއަދު ތަސްދީގު ކުރައްވާފައިވަނީ ގާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ތަޅުމުން މިމަހުގެ 3 ވަނަ ދުވަހު ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއެކުއެވެ. މިކަމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.
މި ބިލުގެ މަގްސަދަކީ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
މި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން އެތެރެކުރުން، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުމެވެ. މީގެ އިތުރުން ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދޭން ވަނީ ފާސްކޮށްފައެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
ބިލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. އަދި އިއްތިފާގުން މަރުގެ ހުކުމް ކަނޑަނާޅާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވާ މީހަކަށް އަބަދު މައާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
