ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހިޔާވެހި ފައިންނޭންސިންގް ސްކީމުގެ ދެވަނަ ބުރުގައި، އެ ލޯނުގެ ޝަރުތުތަކަށް ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނު ރައްޔިތުންނާ ރޭ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ ހިޔާވަހި ސްކީމު ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަން އެ މަނިކުފާނުގެ ސަމާލުކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވެސް ގެނެސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ސްކީމްގެ ދެވަނަ ބުރަކަށް ހުޅުވާލާއިރު، ހިޔާވަހި ލޯނަށް ލުއިތަކެއް ދޭ ބީއެމްއެލްއާއި އެކު މަޝްވަރާކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިއްކުމަށް، ކުރިން އިއުލާނުކުރެއްވި ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ގެނެސް، ބިން ހިއްކުމުގެ މަސައްކަތުގެ ސްޕީޑު ތިން ގުނަ އަވަސްކޮށްފައިވާ ކަމަށެވެ.

ސަަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިންގް ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ 5 ޕަސެންޓުގެ ރޭޓުގައި ފައިނޭންސިންގް ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެވެ.