މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެއްވެސް ރަހުމެއް ނެތް ކަމަށާއި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު"ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓްކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް "ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވާ" ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގު އެމީހަކާ ފޯރާ ހިސާބުން ދެން އޮންނާނީ ހަމައެކަނި ހަރުކަށި ގާނޫނީ ފިޔަވަޅު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ރޭ ވަނީ ހައްޔަރުކޮށްފައެވެ. 2017 އިން ފެށިގެން އެ ނެޓްވޯކުން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވި 5 އަހަރު އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެން ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވެއެވެ.
