ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކުރި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އިން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ގ. މާވަނި، ހުސައިން ސަނީ އުމަރު، ގާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާ އާއި، 33 ވަނަ މާއްދާގެ ދަށުން އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދޭން އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ. މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ އިރު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެއަށްފަހު އޭނާ އެނބުރި ރާއްޖެއަށް އައުމުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ސަނީ ހާޒިރުކޮށް ސުވާލު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން އަނެއްކާ ރާއްޖެއިން ބޭރަށް ފުރަން އުޅެފައެވެ. އެގޮތުން ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ސަނީ އުމަރު ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދޫކޮށްލާފައެވެ. އެއަށްފަހު ފުލުހުން ވަނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.
އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް އިތުރު ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.
