ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

2 ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވީ ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މެނޭޖަރު ސާރާ އަލް ސައީދާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި 2 ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި އިންވެސްޓްމަންޓް، އިގްތިސޯދީ ތަރައްގީ، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުން، ދަނޑުވެރިކަން، މަސްވެރިކަން، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައި ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުން ނިންމާލައްވާފައިވަނީ 2 ގައުމުގެ ދެމެދުގައިވާ ޒަމާންވީ އުހުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.