ލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިސާގައި އެހީވުމަށް ރާއްޖޭގެ ކޯސްޓްގާޑުގެ ޝިޕް ހުރަވީ ތައްޔާރަށް އޮތް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ޝިފް ހުރަވީ ލަންކާއަށް ދިޔައީ އެ ގައުމުގެ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ވެސް ބައިވެރިވުމަށެވެ.

މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފް ގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ. 2016 ވަނަ އަހަރު ބޭއްވި ފްލީޓް ރިވިއުގައި ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވެފައި ވެއެވެ. އެހެންނަމަވެސް އިންޑިއާ ގައި ބޭއްވި ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ބައިވެރިވެފައިވަނީ ރިފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

ސްރީލަންކާގައި ނޮވެންބަރު 30 ވަނަ ދުވަހު ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމަކުން ވަފުދުތައް ބައިވެރިވި އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނެއެވެ.

ނޮވެންބަރު 27 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި ސިޓީ ޕެރޭޑާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި، ޕަބްލިކް އެންގޭޖްމަންޓް ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.

މި ފްލީޓް ރިވިއުގައި، ކޮލޮމްބޯއިން ފެށި ދަތުރު ރިވިއުކޮށްދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު، ހާ އެކްސެލެންސީ ހަރިނީ ނިރެކާ އަމަރަސޫރިއާއެވެ. މި ފްލީޓް ރިވިއު ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާ އަށް ކުރި ރަސްމީ މިދަތުރުގައި، ސްރީލަންކާގެ ނޭވީ ކޮމާންޑާ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައި، އެ ޝިޕްގެ ކޮމާންޑިންގ އޮފިސާ، ލެފްޓިނެންޓް ކާނަލް އަހުމަދު ނާފިއުއާއި ޝިޕްގެ ސިފައިންނާ ބައްދަލުކުރައްވާފައިވެއެވެ.

އަދި މީގެއިތުރުން ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޤުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުމެވެ.