ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ އުޅަނދު ދުއްވި މީހާ 20 އަހަރަށް ޖަލަށްލެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
"އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ހުށަހެޅި މި ބިލުގައި ވަނީ ނުރައްކާތެރިކޮށް ދުއްވުން މާނަ ކުރެވޭނެ ގޮތާއި އިތުރުކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުމަކީ ކުށެއްކަން ފާހަގަކޮށް އެ ބިލުގައި ބުނެފައިވަނީ އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށްލުން ކަމަށެވެ. އަދި ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއްވެއްޖެނަމަ، އެ ކުށް ކުރި މީހާގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން އެ ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެނަމަ، (އެއީ ބޮޑު އަނިޔާއެއް ނޫން ކަމުގައިވިޔަސް) އެ މީހެއްގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 5 އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިހާރު އޮންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވަނީ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިފިނަމަ އެމީހާ ޖޫރިމަނާ ކުރެވޭ ގޮތަށް އެކަންޏެވެ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ނުވަތަ ބޮޑު އަނިޔާއެއް ލިބިއްޖެނަމަ އެ ގާނޫނުގެ ދަށުން ދައުވާ ކުރެވޭކަށް ނޯވެއެވެ.
