ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތުގެ ބިންގާ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރްސީސީ އާ ހަވާލުކޮށްގެން ތަރައްގީކުރާ 12 ފަންގިފިލާގެ މި މަޝްރޫއަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގައެވެ.
ރާއްޖޭގައި ގާއިމުކުރާ މި ފަދަ ދެވަނަ ވަގުފް އިމާރާތް، ދާރުލް އަރްގަމްގެ ބިންގާ އަޅުއްވާފައިވަނީ 2025 ނޮވެންބަރު 20 ވަނަ ދުވަހުއެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަދި މި ވަގްފު އިމާރާތްތަކުން ލިބޭ އާމްދަނީ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަހުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަގްފު އިމާރާތުގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
