ހުޅުމާލޭ 3 އަދި ގިރާވަރުފަޅު ހިއްކުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި ޑްރަޖަރުން، މިހާރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މާދަމާ މަސައްކަތް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެއާއެކު ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ފާހަގަކުރަން ބަންޑްލް ވޯލް ޖެހުމުގެ މަސައްކަތް އީއައިއޭ އަދި އެހެނިހެން ކަންކަން ނިމުމުން ފަށާނެކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އޭގެ ފަހުން ދެ ޑްރެޖަރުވެސް ގިރާވަރު ފަޅު ހިއްކަން ދާނެ، އެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ،". ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ވަނީ މި މަހުގެ 10 ވަނަ ދުވަހު ބައްލަވާލައްވާފައެވެ. އަދި ގިރާވަރުފަޅު ހިއްކައި އެތަނުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ދެއްވާނެ ކަމަށާއި އެ ފަޅު ހިއްކުމަށް ގެންނަ ޑްރެޖަރު މި މަހު 23 ގައި އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއަށްފަހު އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ވެސް މި ހިނގާ މަހުގެ ތެރޭގައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ: ފައިލް ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމުގައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ވައުދުފުޅާ ގުޅިގެން ހުޅުމާލެ ފޭސް ތިނަކާއި، ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދެއެވެ.