ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ އެ ރަށުގައި ދިރިއުޅޭ އަދި ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވުން ކަމަށާއި އެ މަނިކުފާނުގެ ވައުދަކީ 500 ހައުސިން ޔުނިޓް އެޅުން ކަމަށް ވިޔަސް ޖާގަ އޮތީ 300 ޔުނިޓަށް ކަމަށެވެ. އެ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އެހެން ތަންތަން ހިއްކައިގެން ވެސް މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއިން ދޫކުރަން މިހާރު އިއުލާންކޮށްފައިވާ 15،000 ގޯއްޗަށް ވިލިމާލޭގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެކަމަށެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ވިލިމާލެއަށް ކޮށްނުދެވި ހުރި ކަންކަން ފުރިހަމަކުރުމަށް ކަމަށާއި، ވިލިމާލެއަށް ވުމުން ތަފާތުކުރެވެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި 1،200 ސީޓުގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށާ، އެ އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފެންވަރު ދުނިޔޭގެ މައި ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ގަބޫލުކުރާ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައި ކަމަށެވެ.
މި ސަރުކާރުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަޅަން ބީއެމްއެލްއަށް ބިން ދޫކޮށްފައެވެ.
