އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ"ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފިއެވެ.

މި އެކްސަސައިޒަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދާއި މާދަމާ ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އެކްސަސައިޒުގައި ފަޔާ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރާނެ ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.

މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށާއި އެ ތަމްރީނުތަކުގައި ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ރެސްކިޔު އޮޕަރޭޝަންތަކާއި ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖާސް ފަރިތަކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި މާލޭ ސަރަހައްދުގައި ފަޔާ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ މި އެކްސަސައިޒް ކުރިއަށްގެންދަނީ ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔާ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔާ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓާ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް ކުރިއަށްގެންދެވޭތޯ ބެލުމުގެ މަގުސައިދުގައި ކަމަށެވެ.