އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެކި ގާބިލުކަން، އެކި މީހުންގެ ކިބައިގައި ހުންނަނީ އެކި ގޮތަށް އެކި މިންވަރަށް ސާޖިދާ ފާހަގަކުރެއްވެވިއެވެ. އެގޮތުން ނުކުޅެދުންތެރި އުނި ސިފަތަކެއް ކަމަށް ހީވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއަށާއި އެ މީހުންގެ ގައުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުގެ ސަބަބުން ބޮޑެތި މަންފާތައް މުޅި އިންސާނިއްޔަތަށް ފޯރުވައިދީފައިވާތކަން ވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި މުޅި މުޖުތަމައުން ގަދަރުނުކުރެވޭ ކަމަށެވެ. އަދި އެފަރާތްތަކަށް ދޭން ޖެހޭ ހިތްވަރާއި އެހީތެރިކަން ފޯރުވައި ނުދެވޭކަން ސާޖިދާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެކަންކަމަށް ބަދަލުގެނެވޭނީ ނުކުޅެދުންތެރިކަމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ދެކޭ ގޮތް ބަދަލުކޮށްގެން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ދެކޭ ގޮތް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ކޮންމެ މީހަކީވެސް ކޮންމެސް ކަހަލަ ސިއްހީ ކަމަކަށް ފަރުވާ ކުރާނެ މީހެއް ކަމަށާއި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިގެންވާ މީހެއް ނޫން ކަމަށެވެ. އަދި އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށް ވުމަށާއި އެހެން މީހުންގެ ހާލަތަށް އިސްކަންދޭ ބަޔަކަށްވުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

އިންސާނިއްޔަތުގެ ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ހެއްކެއް ކަމަށާއި އެ އަމާޒަށް ވާސިލްވުމަށްޓަކައި އުންމީދީ ހެޔޮ ވިސްނުމަކުން ކަންކަމާ ވިސްނާ ބަޔަކަށްވުން މުހިންމު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.