އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންނަށް ދޫކޮށްފައިވާ ސައްހަ ވިސާގެ ގޮތުގައި ބަލާނީ އީ-ވިސާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އޮންލައިން ކުރުމަށްޓަކައި، "އީ-ވީޒާ"ގެ ހިދުމަތް ތައާރަފުކޮށްފައިވާއިރު އިމިގްރޭޝަނުން ވަނީ ވިސާ ދޫކުރުމުގެ ކަންތަކަށް އަންނާނެ ބަދަލުތައް އާންމުކޮށްފައެވެ. މިގޮތުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 23 ނޮވެމްބަރުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް ޕާސްޕޯޓުގައި އޮތް ނަމަ އެ ދުވަހުން ފެށިގެން އީ-ވިސާއަށް ބަދަލުވާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވިސާ ޖެހުމުގެ ބަދަލުގައި އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވިސާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ ވިސާ ކަމުގައި ބަލާނީ އީ-ވިސާ ކަމަށެވެ.

މީގެ އިތުރުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް އެއީ ސައްހަ ވިސާއަކަށް ނުބަލާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ޕާސްޕޯޓުގައި މުއްދަތު ހަމަނުވާ، ވޯކް ވިސާ އޮތް ފަރާތްތަކަށްވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭނީ އީ-ވިސާ އޮތުމުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނީ ހޯމްލޭންޑު މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ 'އެންޓްރީ ޕާސް'އެއް އޮތް ނަމަ ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީއީ-ވީޒާއަށް ބަދަލުވުމުން، ވަޒީފާ ދޭ ފަރާތުން ބިދޭސީގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.